ސިނަމާލެ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވާލަދޭ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅެނިކޮށް ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއީ އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީންނެވެ.

ސިނަމާލެ ބްރިޖަކީ 7 ސެޕްޓެމްބަރު 2018ގައި ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައިވާ 20 މީޓަރު ފުޅާ، ދިގު މިނުގައި 1390 މީޓަރު ހުންނަ ބްރިޖެކެވެ. މި ބްރިޖްގެ މަސައްކަތްކޮށްފައި ވަނީ ޗައިނާގެ ހާބަރ އިންޖިނޭރިން ކޮމްޕެނީންނެވެ.