ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ނިމުނު ގައުމީ ޗެސް މުބާރާތަށް އިޝާރާތްކުރަށްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޗެސްގެ ކުރިއެރުން މިއަހަރުގެ ގައުމީ މުބާރާތުން އެކަނި ވެސް ފެންނަކަމަށެވެ. އަދި މި ކުޅިވަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެކަށީގެންވާ ޖާގައިގެ ހޯލެއް ނެތުންކަން އެނގިލައްވާކަމަށެވެ.
ވަޒީރު ވިދާޅުވިގޮތުގައި، ހުޅުމާލޭގައި އަޅަން ނިންމާފައިވާ ދެ ސްޕޯޓްސް ކޮމްޕްލެކްސް އާއިއެކު ޗެސްކަހަލަ އިންޑޯ ކުޅިވަރުތަކަށް ދިމާވެފައިވާ ޖާގަައިގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވަނީ، އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ތަމްރީން ދަތުރުތައް ހޯދައިދީ ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ޗެސް ކުޅުންތެރިންނަށް ވެސް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!