މި ނިމުނު 2019 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާ ކަމަށާއި އެއީ ދިވެހި ރާއްޖެއަށް މިހާތަނަށް އެނަމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ހެދިފައިވާ ރެކޯޑެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތަފްސީލްކޮށް ހާމަކޮށްފަ އެވެ.
މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ، ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، 1.7 މިލިއަން ފަތުރުވެރިންނެވެ. މިއީ 2018 ވަނަ އަހަރާ އާޅާބަލާ އިރު 14.7 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.
އިމިގްރޭޝަނާއި ޓޫރިސްޓް ފެސިލިޓީތަކުގެ ތަފާސްހިސާބުތަކާ ހަވާލާދީ ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މިދިޔަ ޑިސެމްބަރު މަހު އެކަނި 171،292 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕުންނެވެ. އެއީ 49 ޕަސެންޓެވެ. ވަކިވަކި މާކެޓުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ. ޖުމްލަ ފަތުރުވެރިންގެ 16.7 ޕަސެންޓް ޗައިނާ ފަތުރުވެރިން ހިއްސާ ކުރާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 16.7 ޕަސެންޓެވެ.
މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު
- ޔޫރަޕުން: 833،904 މީހުން
- އޭޝިއާ ޕެސިފިކް: 705،117 މީހުން
- އެމެރިކާ ސަރަހައްދުން: 84،793 މީހުން
- މެދު އިރުމަތިން: 60،003 މީހުން
- އެފްރިކާ ސަރަހައްދުން: 18،698 މީހުން
މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓުގެ ގޮތުގައި ކަނޑައެޅީ 1.5 މިލިއަނެވެ. ނަމަވެސް މި ޓާގެޓު އަހަރު ނިމުމުގެ މާ ކުރިން ހާސިލްކޮށްފައިވާއިރު، ޑިސެމްބަރު މަސް ދެބައިވި އިރު 1.6 މިލިއަން ފަތުރުވެރިން ވަނީ ހަމަވެފަ އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!