މީޑިއާތަކަށް މާލީ އެހީދޭނެ ހަމަތަކެއް ކަނޑައަޅަން މީޑިއާތަކުގެ ހިޔާލު ހޯދަނީ

ނޫސްވެރިންތަކެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްަދަލުވުމެއްގައި،
ނޫސްވެރިންތަކެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްަދަލުވުމެއްގައި،

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނެ އުސޫލުތަކާއި ހަމަތަކެއް ކަނޑައަޅަން މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އަސްވާޑް ވިދާޅުވީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް އޭރުގެ ބަޖެޓުގައި އެ ފައިސާ ޖަހާފައެއް ނެތް. އެހެންވީމާ އަލުން އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު މީޑިއާތަކާއި މަޝްވަރާކޮށްލައިގެން އަޅުގަނޑުމެން ބޭނުންވަނީ ކޮން ހަމަތަކެއް، ކޮން އުސޫލުތަކެއްތޯ އަޅުގަނޑުމެން ގެންގުޅެންވީ މީޑީއާތަކަށް ފައިސާ ދިނުމުގައި." އަސްވާޑު ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ އެންމެ މުހިންމު ކަމަކީ މީޑިއާތަކުގެ އެންމެ ސީނިއާ އެޑިޓަރުންނާ ބައްދަލުކުރުން ކަމަށެވެ. އަދި ޓީވީތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ ކަމުގައި އަސްވާޑް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައި އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް، އެކަމަށް ބާރު ދިނުމުގެ ގޮތުން އަޅުގަނޑުމެން ވާނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދެވޭނެ އުސޫލެއް ކަނޑައަޅާފައި ނިންމާފައި." އަސްވާޑު ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ މީޑިއާތަކަކީ އަބުރުވެރި މަސައްކަތެއް ކުރާ ތަންތަނަށް ހަދައި ސަލާން ޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނައުން ކަމަށެވެ. އަދި ބައެއްގެ މުށުތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބަޔަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި