ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމުގައި ލަސްތަކެއް ކުރިމަތިވުމުން, އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އޮކްޓޫބަރު، 2021 ގައި ރާއްޖޭގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ދައުވާ ކުރެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ ކަމަށެވެ.
އެ މައްސަލާގައި 15 ހެއްކެއްގެ ހެކިބަސް ނުނެގި އެބައޮތެވެ.
އޭގެ ތެރޭގައި އެ މައްސަލާގައި ރިޕޯޓްތަކެއް ތައްޔާރުކުރި ޑޮކްޓަރުން ވެސް ހިމެނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ޑޮކްޓަރުންގެ ހެކިބަސް ނުނެގި އޮތީ އެ މީހުންނަކީ އިންޑިއާގައި ތިބި އެ ގައުމުގެ ރައްޔިތުންތަކެއް ކަމަށްވާތީ މިހާރު އަމަލުކުރާ އުސޫލުތަކުގެ ދަށުން އިންޑިއާ ސަރުކާރުގެ ހުއްދަ އެކަމަށް ހޯދަން ޖެހޭތީ އެވެ.
ލަމްހާގެ ވަކީލުން ބުނީ ދައުލަތުން ހަމަޖައްސަން ޖެހޭ އިންތިޒާމެއް ހަމަނުޖެއްސޭތީ ލަމްހާ އެތައް ދުވަހެއް ވަންދެން ބަންދުގައި ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، އެ ޑޮކްޓަރުން ރާއްޖޭގެ އެމްބަސީއަށް ހާޒިރު ކުރަން އުނދަގޫވާނަމަ ޓިކެޓް ދީގެން ވިޔަސް އެ ހެކިން ރާއްޖެ ގެންނަންޖެހޭ ކަމަށް ވަކީލުން ބުންޏެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ވަނީ އައިޖީއެމްއެޗްގައި މޭރީ އަދި މާވިންއާ އެކު މަސައްކަތްކުރި ދެ ނަރުހުންގެ ހެކިބަސް ނަގައިފަ އެވެ. އެ ދެ ނަރުހުން ވެސް ބުނީ ހޮސްޕިޓަލަށް ދިޔައިރު، މޭރީގެ ހަށިގަނޑު ފެނުނު ކަމަށެވެ. އޭރު މޭރީގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް އެ ދެ ނަރުހުން ބުންޏެވެ.
މީގެ އިތުރުން ދައުލަތުން ވަނީ އެ މައްސަލާގައި ބާކީ ތިބި ހެކިންގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނުނަގަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!