އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންނެވީ، މޯދީގެ ދައުވަތަކަށް، އެމަނިކުފާނު ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރަޝްވަޕަތީ ބަވަންގައެވެ.

Ad
rt

މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފްގައި އިންޑިއާގެ ރައީސް ދްރޮޕަދީ މުރްމީ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތުގެ ހަވާސާގައި މޯދީ ވަނީ ރައީސް ޑރ. މުއިއްޒު އާ ވަކިން ބައްދަލު ކުރައްވައިފަ އެވެ. އެކަމަކު، މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ދެ ގައުމުން އަދި ހާމައެއް ނުކުރެއެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ޤައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.