އއ. ތޮއްޑޫ ހޭޅިފަށުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ތޮއްޑޫ ބްރައިޓް އަންހެނުންގެ މަގުގެ ހޭޅިފަށުގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ 21:29ގައި އެ އިދާރާ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

''މި މައްސަލައާއި ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ވަނީ ހައްޔަރުކޮށްފައި'' ފުލުހުން ބުންޏެވެ.

މި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު، ތޮއްޑޫ ކައުންސިލް އިދާރާގެ ކައިރީ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ވެސް 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ތޮއްޑޫ ކައުންސިލް އިދާރާގެ ކައިރީ ހަމަނުޖެހުން ހިންގީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް ވަނީ ފަރުވާވެސް ދީފައެވެ.