އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައިރީ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހު 5 ވަނަ ދުވަހު ތޮއްޑޫ ކައުންސިލް އިދާރާ ދޮށަށް އެއްވެ، އެރަށު ބަޔަކު ވަނީ އިހުތިޖާޖުކޮށްފައެވެ.
މި އިހުތިޖާޖާއި ގުޅިގެން އެދުވަހު ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ ބައެއް މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވި ކަމަށެވެ.
އެ ދުވަހު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް ވަނީ ފަރުވާވެސް ދީފައެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާއުކައި ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި މިއަދު 8 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!