މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި 52.8 މިލިއަން ޑޮލަރު ހޭދަކުރާ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ، "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް އިން މޯލްޑިވްސް" މަޝްރޫޢު މިއަދު އިފްތިތާޙްކުރިއިރު، މި މަޝްރޫޢަށް ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.
އޭގެ ތެރެއިން 12 މިލިއަން ޑޮލަރު، އިންޑިއަން އޯޝަން ކޮމިޝަނަށް ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖެ އަށް ކަނޑައަޅައިފައިވަނީ 52.8 މިލިއަން ޑޮލަރެވެ.
މި މަޝްރޫޢު އަކީ، ހުޅަނގު ދެކުނު އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހެކިތަކަށް ބިނާކޮށް މަސްވެރިކަމުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، މި ސަރަހައްދުގެ މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢޫ އެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް
- މަސްވެރިކަމާއި ދަނޑުވެރިކަން އަދި އަކުއަކަލްޗަރ ދާއިރާއިން މީހުން ބިނާކުރުން. (މީގެ ތެރޭގައި ދިގުމުއްދަތާއި ކުރު މުއްދަތުގެ ތަމްރީން ހިމެނެއެވެ. ދިގު މުއްދަތުގެ ތަމްރީނުގެ ގޮތުގައި 3 ޕީ.އެޗް.ޑީ ޕްރޮގްރާމް، 22 މާސްޓަރޒް ޕްރޮގްރާމް، 15 ބެޗެލަރޒް ޕްރޮގްރާމް ހިމެނެއެވެ.)
- މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ބެޗެލަރ އޮފް އެޕްލައިޑް ސައިންސް އެންޑް ބިޒްނަސް ގްރެޖުއޭޓް އެޑިއުކޭޝަން ޕްރޮގްރާމެއް އެކުލަވާލާ ހިންގުން،
- މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ރިވިއުކުރުމާއި އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދިއުން،
- މަސްވެރިކަމުގެ ސައިންޓިފިކް ރިސާރޗްތައް ކުރުން،
- ހިމާޔަތް ކުރެވިފައިވާ 5 ސަރަޙައްދެއްގައި މޮނިޓަރ ކުރުމަށް ރާޑަރ ސިސްޓަމް ހަރުކުރުން،، ކަނދުފަތި އެޅުން،
- މަސްވެރިކަމާ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒް ކޮށްގެން މެޗިންގ ގްރާންޓް ސްކީމެއް ތައާރަފް ކުރުން،
- ރާއްޖެ އެތެރެކުރާ ދިރޭސޫފާސޫފި ރައްކާތެރިކަމާއެކު ކަރަންޓީން ކުރެވޭނެ ފެސިލިޓީތަކާއި ލެބޯރެޓަރީ ތައް އިންޓަރނޭޝަނަލް އެއަރޕޯރޓްސް ތަކުގައި ޤާއިމް ކުރުން،
- ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތެއް ޤާއިމް ކުރުމަށްޓަކާ ރާއްޖޭގައި އާލާ ކުރެވޭނެ "ސްޕީޝީސް" ތައް ހޯދާ ރިސާރޗް ކުރުން
މި މަޝްރޫޢޫގެ ދަށުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ބަޖެޓްގެ 50 ޕަސަންޓު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު ބާކީ 50 ޕަސަންޓަކީ ލޯނު އެހީއެވެ.
މި މަޝްރޫޢުގެ މުއްދަތަކީ 09 އޯގަސްޓް 2023 އިން 31 ޑިސެންބަރު 2030 ގެ ނިޔަލަށް ހަތް އަހަރު ދުވަހެވެ. އަދި މިއީ ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހިންގަމުން އަންނަ އެންމެ ބޮޑު މަޝްރޫޢު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!