ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ފަތުރުވެރިއަކު ޑައިވިން ނިންމާލިފަހުން ހާލުދެރަވެ، މަރުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ޗައިނާއަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.

Ad
rt

ފުލުހުން ބުނީ އެމީހާ އަކީ ފުވައްމުލަކު ކައިރީ އޮންނަ ޓައިގަރ ޝާކް ޕޮއިންޓަށް ޑައިވިންއަށް ފޭބި މީހެއް ކަމަށެވެ.

އެމީހާ ޑައިވިން ނިންމާލައި ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މިއަދު 11:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

''އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ'' ފުލުހުން ބުނެފަވެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.