ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފުލުހުންގެ އެއް މަރުކަޒު، އިސްކަންދަރު ބިލްޑިންގ ގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރަ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި، އިސްކަންދޭނެ މުހިންމު ފަސްކަމެއް ފާހަގަކޮށްފައިވެއެވެ. އެކަންތައްތަކަކީ،

ކޮމްބެޓިންގ ކްރިމިނަލް ތްރެޓްސް

ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަރުކަޒީ އަދި ސަރަހައްދީ ގާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ، ގޭންގު ކުށްތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި އަދި ހިއުމަން ޓްރެފިކިންގ، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވާއިދާ ހިލާފުވުން، ސައިބަރ ކްރައިމް، ޓެރަރިޒަމް، ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑަރ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާ ގުޅިގެން، ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.

ޕްރިއޯރަޓައިޒިން ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ޕޮލިސިން

ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިންގ މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ޚިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުން.

މޮޑަރނައިޒިންގ އެންޑް އަޕްގްރޭޑިންގ ޕޮލިސް އިންފްރާސްޓްރަކްޗަރ އެންޑް ޕްރެކްޓިސް

ސްޓްރެޓެޖިކް އިންވެސްޓުމަންޓުތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމާއި ފުލުހުންގެ ޚިދުމަތުގެ ތެރޭގައިހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ޑިޕާޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން.

ފޮސްޓަރިންގ އިފެކްޓިވް ގަވަރނެންސް އެންޑް ލީޑަރޝިޕް ޑިވެލޮޕްމަންޓް

ފުލުހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި އެތެރޭގައި ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓުތަކާއި، ސިސްޓަމްތަކާއި، ޕްރޮސެސްތަކާއި ގަވާއިދުތަކާއި، ޕޮލިސީ އަދި ޕްރޮސީޖަރތައް، ރިވިއުކޮށް ރަނގަޅުކުރުމަށް އިސްކަންދީ، ކޯ ޕޮލިސިންގ ފަންކްޝަންތައް އަދި ހުރިހާ ލެވެލްއެއްގައި ލީޑަރޝިޕް އެޕްރޯޗް ހަރުދަނާކޮށް، ހުނަރުވެރި ގާބިލު ދުޅަހެޔޮ މުވައްޒަފުން ބިނާކޮށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުން.

އެންޝުއަރިންގ އެކައުންޓެބިލިޓީ އެންޑް އެތިކަލް ކޮންޑަކްޓް

ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ޚިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ޚިދުމަތަކަށް ހަދައި، ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުން.

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނާއެކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަންތައްތަކެއް ހާސިލުކުރެވިގެންދާނެއެވެ.