ކުންފުނީގެ ކަންކަމާ މަޝްވަރާކުރަން ހިއްސާދާރުންނާ އެކު އަންނަ ހޮނިހިރު ދުވަހު ނުރަސްމީ ބައްދަލުވުމެއް ބާއްވަން އެސްޓީއޯއިން މިއަދު ނިންމައިފިއެވެ.
އެ ކުންފުނީގެ މައި އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިން އިންސްޓިއުޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވުމަށް އޮންލައިކޮށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވައިލާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އަންނަ ހުކުރު ދުވަހުގެ 11:00ގެ ކުރިން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުވެފައިވާ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށެވެ. މި ބައްދަލުވުމަކީ ހިއްސާދާރުންނާ އެކު ބާއްވާ ނުރަސްމީ ބައްދަލުވުމަކަށްވާތީ ޕްރޮކްސީ އައްޔަންކުރުމެއް ނޯންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައިވާ ގޮތުން، އަހަރީ ރިޕޯޓް އާންމުކޮށް، އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާދާރުންނާ ހިއްސާކުރާނެއެވެ. އަދި، ކުންފުނީގެ ސްޓެރެޓީޖިކް ކަންކަމާ ގުޅޭ ގޮތުން ހިއްސާދާރުންނާއެކު މަޝްވަރާކޮށް ޚިޔާލު ފާޅުކުރުން އެ ބައްދަލުވުމުގައި އޮންނާނެއެވެ.
އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ 195 މިލިއަން ރުފިޔާއަށް އަރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!