ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، މާލެ ސަރަހައްދުގައި ސައިކަލް ރެލީ އެއް ބޭއްވުމަށް ނިންމައިފި އެވެ.
އިސްރާ އެސޯސިއޭޝަން އާއި މަދަނީ ޖަމިއްޔާތަކާއި ޖަމާޢަތްތައް ގުޅިގެން ކުރިއަށްގެންދާ މި ސައިކަލު ރެލީ އަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ އެއްބައިވަންތަކަމުގެ ސައިކަލް ރެލީއެއް އެކެވެ.
މިސައިކަލް ރެލީ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 04:15 ގައި ހުޅުމާލޭގައި ހުޅުމާލޭ ސެންޓްރަލް ޕާކުކައިރިންފެށިގެންނެވެ. މި ސައިކަލް ރެލީގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަކީ އެއްވުން އިންތިޒާމްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވަރަށްބޮޑު އެދުމެކެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނިމިގެން ދިޔަ ހަފްތާގައި ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ވަނީ ރަފަހު ސިޓީގައި ބޮޑު ލާއިންސާނީ ގަތުލުއާންމެއް ހިންގާފައެވެ. ގޯތި ގެދޮރުތައް ތަޅާލުމުގެ ސަބަބުން މަގުތައް މަތީ ދިރިއުޅެއްޖެހިފައިވާ އެތަށް ސަތޭކަ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ތިބި ފޭލިގެ ތަކެއްގައި ހުޅުޖަހާ ވަނީ އަންދާލަފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މި ސަރުކާރު އައި ފަހުން އަޑު އުފުލުން ވަނީ އިތުރުކޮށްފަ އެވެ. ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރިކަން ސީދާ ރައީސް މުއިއްޒު އިސްވެ ކުށްވެރި ކުރެއްވުމާއި އދ. ގެ އެކިއެކި ބައްދަލުވުންތަކުގައި ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލުމާއި ވޯޓު ދިނުން ފާހަގަކުރެވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން، ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވަގުތުން ފޭބުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން އެންގި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!