އެކި މީހުން އަތުން ފައިސާ ފޭރެމުން ދިޔަ ހަތަރު މީހަކު ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ ދެ މަހު ފުލުހުންނަށް ރިޕޯޓުކުރި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު އޭޕްރިލް މަހު 38 މައްސަލައެއް އަދި މޭ މަހު 36 މައްސަލައެއް ރިޕޯޓުކޮށްފަވެއެވެ. އަދި އޭޕްރީލް މަހު ވައްކަމުގެ 285 މައްސަލައެއް، މޭ މަހު ވައްކަމުގެ 244 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!