އިގްތިސޯދީ ކޮމެޓީގެ މުޤައްރިރަކަށް ފަޒާދު، ސައުދުﷲ އަށް ނައިބުކަން

ETnNKY4V9cpwxcYnEjznTTtvUz22QKAb97uiApGa

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ މުޤައްރިރުގެ މަޤާމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ނައިބު މުޤައްރިރަކަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އިންތިޚާބުކޮށްފިއެވެ.

މިއަދު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައި ވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ތިބޭނެ މެންބަރުން ފާސްކޮށްފައެވެ. އެއަށްފަހު ކޮމެޓީތަކުގެ މުޤައްރިރުންނާއި ނައިބުން އިންތިޚާބުކުރުމުގެ ބައްދަލުވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ކޮމެޓީތަކުގެ ތެރެއިން މަޖިލީހުގައި ހިމެނޭ މުހިންމު ކޮމެޓީއެއްކަމަށްވާ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގައި އެހެން ކޮމެޓީތަކެކޭ އެއްގޮތައް ކޮމެޓީގެ ސެކްރެޓޭރިއަޓުން ވަނީ ކޮމެޓީގެ މެންބަރުންގެ ނަންތައް ޢިއުލާންކޮށްފައެވެ.

އިގްތިސޯދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

 1. މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޟަމީރު (ޕީއެންސީ)
 2. ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ (ޕީއެންސީ)
 3. ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް (އެމްޑީޕީ)
 4. ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަފޫ ޙާމިދު (ޕީއެންސީ)
 5. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (އެމްޑީޕީ)
 6. ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް (ޕީއެންސީ)
 7. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (އެމްޑީއޭ)
 8. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ (ޕީއެންސީ)
 9. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު (ޕީއެންސީ)
 10. ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
 11. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް (އެމްޑީޕީ)

އެއަށްފަހު ކޮމެޓީގެ މުޤައްރިރު އިންތިޚާބު ކުރުމަށް ނަން ހުށަހަޅަން ހުޅުވާލިއެވެ. އެ ފުރުސަތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ، އެ ކޮމެޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުގެ ނަން ހުށަހަޅާފައެވެ. މި ނަމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.

މުޤައްރިރުކަމަށް އިތުރު ނަމެއް ހުށަނޭޅުމުން އެ ނަމަށް ވޯޓަށް އެހުމުން ކޮމެޓީއަށް ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާޤުން އެ ނަން ވަނީ ފާސްކޮށްފައެވެ.

އެއަށްފަހު ނައިބު މުޤައްރިރު ހޮވުމަށް ހުޅުވާލުމުން ފުރަތަމަ ނަން ހުށަހެޅީ އެމްޑީޕީންނެވެ. މިގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަން ހުށަހަޅުއްވާފައެވެ. ނަން ހުށަހެޅުއްވުމަށްފަހު މައުރޫފް ވިދާޅުވީ، އެމްޑީޕީއަކީ ކޮމެޓީގެ މައިނޯރިޓީކަން އިނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް 19 ވަނަ މަޖިލީހުގައި ވެސް އެ މަޤާމު ފުރުއްވި ނާޒިލް މި ދައުރުގެ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާތީ އެކަމުގެ ތަޖުރިބާވެސް ލިބިވަޑައިގެން ހުންނަވާނެތީ ނާޒިލްގެ ނަން ހުށަހެޅުއްވީ ކަމަށެވެ. އެނަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ތާއީދު ކުރެއްވިއެވެ.

އެއަށްފަހު ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވަނީ އެ މަޤާމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ނަން ހުށަހަޅުއްވާފައެވެ. ތާއީދު ކުރެއްވީ މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޟަމީރު އެވެ.

ނައިބު ނުޤައްރިރުގެ ވޯޓުގައި ނާޒިލް އަށް ފެންނަކަމަށް ތިން ވޯޓު ލިބިވަޑައިގަތްއިރު، ނުފެންނަކަމަށް 7 ވޯޓު ދީފަވެއެވެ. އެހެންވެ ނާޒިލްގެ ނަމެއް ފާހެއް ނުވިއެވެ.

ނައިބު މުޤައްރިރުކަމަށް ސައުދުﷲގެ ނަން ފާސްވީ ކޮމެޓީގެ އިއްތިފާޤުންނެވެ.

މި ކޮމެޓީގައި 11 މެންބަރުން ހިމެނިވަޑައިގަންނަވާއިރު މިއަދުގެ ބައްދަލުވުމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވަޑައެއް ނުގަންނަވައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި