ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ރެއާލުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިޔާއެވެ. އެމްބާޕޭ ރެއާލަށް ބަދަލުވާން ބޭނުން ވިޔަސް އޭރު އެކަން ނުވެއޮތީ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރުމުން އެ ޓީމުން އޭރު އޭނާ ވިއްކަން ބޭނުން ނުވުމެވެ. އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގައެއެވެ.

Ad
rt

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި، އުމުރުން 25 އަހަރުގެ އެމްބާޕޭ މިހާރު ވަނީ ރެއާލުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފައެވެ. އަންނަ ހަފްތާގައި ރެއާލުން ރަސްމީކޮށް އެކަން ހާމަކުރާނެއެވެ.

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯއަށް ތައްޔާރުވުމަށް މިވަގިތު އެމްބާޕޭ ހުރީ ފްރާންސް ޓީމާއިއެކުއެވެ. މި މަސްތެރޭ ރެއާލުން އޭނާ ތައާރަފް ކުރިނަމަވެސް އޭނާއަށް ރެއާލާއި ގުޅޭނީ ޖުލައި 1 ގެ ފަހުއެވެ.

އެމްބާޕޭއަކީ ކްލަބާއި ގައުމީ ޓީމުގައި ވެސް ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމާއިއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ޕީއެސްޖީއާއިއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އަދި އޭނާގެ އެއް އުންމީދު އޮތީ ހާސިލް ނުވެއެވެ. އެއީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ.

އެމްބާޕޭ އަކީ ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އާނާ ވަނީ އެ ޓީމަށް ކުޅެދިން 306 މެޗުގައި 256 ލަނޑުޖަހައި 96 އެސިސްޓް ކޮށްފައެވެ.