މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި އުފެއްދި ރިޔާސީ ކޮމިޝަން އުވާލައިފިއެވެ.

މަރު ކޮމިޝަން އުވާލާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއް މެދުވެރިކޮށެވެ. މިއަދު ނެރުއްވި އެ ގަރާރުގައި ވަނީ މަރު ކޮމިޝަން އުވާލާފައި ވަނީ އެ ކޮމިޝަނާއި މަތިކޮށްފައިވާ މަސައްކަތްތައް ނިންމަވާފައިވާތީ ކަމަށެވެ. މަރު ކޮމިޝަންގެ ފައިނަލް ރިޕޯޓު ރައީސް އޮފީހާއި މެއި މަސް ނިމުމުގެ ކުރިން ވަނީ ހަވާލު ކޮށްފައެވެ.

Ad
rt

މަރު ކޮމިޝަން އުފައްދަވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންތާ ފުރަތަމަ މަސް ތެރޭގައެވެ. އެ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ތަހުގީގު ކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަވަސް އިންސާފް ހޯދައި ދިނުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ދައުރު ހަމަވެގެން ދިޔައިރު ވެސް އެ ވައުދު އޮތީ ރަނގަޅަށް ނުފުއްދިއެވެ.