މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ މުސާރަ ހާމަކުރަން ނުޖެހޭނެ ކަމަށް ބޭންކުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އެ ބޭންކުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

Ad
rt

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ބޭންކުގެ ވަކީލުން ބުނީ އެ ގާނޫނުގެ ދަށުން ބޭންކުން މައުލޫމާތުން ހާމަކުރަން ނުޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ އެހީ ލިބިގެން ހިންގާ ތަނެއް ކަމަށް ބުނެ ބޭންކުގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ހިނގާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނާއިރު އެގޮތަށް ބަލާނަމަ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން އިނާޔަތް ދޭތީ އެ މީހުންގެ މައްޗަށް ވެސް އެ ގާނޫނު ހިންގާނެ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް ވެސް ސަރުކާރުން އިނާޔަތް ދެނީ ދައުލަތުގެ ބަޖެޓުން ކަމަށް ވާތީ އެ ސުވާލު ވެސް އުފެދޭނެ ކަމަށް ވަކީލުން ބުންޏެވެ. އެހެންވެ, އެ ގާނޫނުގެ ދަށުން ބޭންކުން މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ވަކީލުން ބުންޏެވެ.

ބޭންކުން ބުނިގޮތުގައި ބޭންކް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އާންމު ކުރާނަމަ ބޭންކިންގެ ދާއިރާގެ ވާދަވެރިކަމުގެ ތެރެއިން އެ ބޭންކަށް ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ސަބަބަކީ ބޭންކްތަކުގެ ވިޔަފާރި ބިނާވެފައިވަނީ ބޭންކްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފަސޭހަކަމުގެ މައްޗަށް ކަމަށް ވެފައި, އެކަންކަން ތަރައްގީކުރަ ބަޔަކީ މުވައްޒަފުން ކަމަށްވާތީ ކަމަށް ބޭންކުން ބުންޏެވެ.

ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނިގޮތުގައި ބޭންކުގެ މައި ހިއްސާދާރަކީ ސަރުކާރު ކަމަށްވާތީ އެ ގާނޫނު ބޭންކުގެ މައްޗަށް ހިނގާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސުލްމާލަށް ދައުލަތުން ފައިސާ ދީފައިވާތީ އެއީ ބަޖެޓުން ދީފައިވާ އެހީއެއް ކަމަށްވާތީ ބޭންކް ހިނގާ ގޮތް ބެލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް އެ އޮފީހުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންކަމުން ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުމެވެ.