ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ.
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި 177 މެމްބަރުން ގައުމަކުން ބައިވެރިވިއިރު، އޭގެތެރެއިން 101 ގައުމަކުން ވަނީ ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއީދު ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.
ޑަބްލިއުއެޗްއޯގައި ފަލަސްތީނަށް އޮބްޒާވަރުގެ ދަރަޖަ ކުރިން ވެސް ދީފައިވާއިރު، އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމުތަކާއި އެއްވަރުގައި ހައްގުތައް ފަލަސްތީނަށް ކަށަވަރު ކޮށްދިނުމަށް ގަރާރު ހުށަހެޅީ ޗައިނާއާއި ނިކަރާގުއާ އާއި ވެނިޒުއޭލާގެ ބައިވެރިވުމާއެކު އަރަބި އަދި މުސްލިމް ގައުމުތައް ގުޅިގެންނެވެ.
އިއްޔެގެ ބައްދަލުވުމުގައި ވަނީ ފަލަސްތީނަށް ގަރާރުތައް ހުށަހެޅުމާއި އިސްލާހުތައް ހުށަހެޅުން އަދި ކޮމިޓީތަކުގައި ބައިވެރިވުމުގެ ހައްގު ދިނުމަށް ފާސްކޮށްފައެވެ. ނަމަވެސް ވޯޓް ދިނުމުގެ ހައްގު ދިނުމަށް އެ ގަރާރުގައި ހިމަނާފައި ނުވެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނީވާގައި ބޭއްވި އާއްމު މަޖިލީހުގައި ފަލަސްތީނުގެ އޮފިޝަލުންނާއި އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކުން ފުރިހަމަ މެމްބަރުކަމަށް އެދުމަށް މަސައްކަތް ކޮށްފައި ނުވަނީ، އެ ގޮތަށް މަސައްކަތް ކޮށްފިނަމަ ޑަބްލިއުއެޗްއޯ އަށް އެމެރިކާއިން ދޭ ފައިސާ ވަގުތުން މެދުކަނޑާލާނެ ކަމުގެ ބިރު އޮތުމުންނެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތައް ހައްދުފަހަނަ އަޅާފައިވާއިރު އދ އިން ވަނީ މި މަހު ބޭއްވި އެ ޖަމާއަތުގެ ކުއްލި ބައްދަލުވުމުގައި ފަލަސްތީނަށް އެ ޖަމާއަތުގެ މެމްބަރުކަން ދިނުމަށް ފާސްކޮށްފައެވެ.
ޑަބްލިއުއެޗްއޯއަށް ހުށަހެޅި ގަރާރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެ ގަރާރަކީ ރާއްޖެއިން ކޯ ސްޕޮންސަ ކޮށްގެން ހުށަހެޅި ގަރާރެއް ކަމަށާއި ޑަބްލިއުއެޗުއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުން ދައްކައި ދެނީ ގިނަ ގައުމުތަކުން ތިބީ ފަލަސްތީނާ އެކު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!