އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި

Meekail

އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުވައިފިއެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިސްރާއީލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.

މީކާއީލް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ދަރިކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތުމުން ސީދާ ގާނޫނަށް ގެންނަ ބަދަލުން އެ ފިޔަވަޅު އަވަސްކުރުމަށް ނިންމީ ކަމަށެވެ.

އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން 19 ވަނަ މަޖިލިހުގައި އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް އަމަލީ ސިފައެއް ނުޖެހުނެވެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އެ ހަމަލާތަކުގެ ސަބަބުން 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލިހަށް ތިފަދަ ބިލެއް ހުށަހަޅައިގެން ފާސް ނުކުރީކީއްވެ، އިޚްލާސްތެރިނަމަ އޭރު ތިކަން އޮންނާނީ ކޮށްފައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި