ރަސްމާލެ ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު، "ރަސްމާލެ" ބިންހިއްކުމުގެ މި މަޝްރޫއު ރައީސް ޑރ. މުހައްމަދު އިފްތިތާހްކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ.
ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމޭނެ ކަމަށް ސަރުކާރުން އޭރު ލަފާކުރިއެވެ.
ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު މުއްތަލިބު ވަނީ ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވޭތީ އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަމީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން، އިތުރު ފުރުޞަތު ނުދޭން ނިންމި މައިގަނޑު ސަބަބު ހާމަކުރަށްވާފައެވެ.
މިގޮތުން އެ ނިންމުން ނިންމި މައިގަނޑު ސަބަބަކީ، މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީކަމަށް ވަޒީރު ވަނީ ވިދާޅުފައެވެ.
''އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ'' ވަޒީރު ވިދާޅުވެފަވެއެވެ.
ސީއެމްސީ އަށް ރަސްމާލެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ، ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭގޮތަށެވެ. އެއީ، ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!