ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެކަމަށް ލަފާކޮށް، މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް ނެރުނު ސަމާލުގެ މެސެޖުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފަވެއެވެ.
މި ސަމާލުގެވަގުތު ދީފައި ވަނީ މިއަދުގެ ހަވީރު 17:00 އާއި ހަމައަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އަންނަ ހުކުރު ދުވަހާއި ހަމައަށް އާންމުގޮތެއްގައި ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އަންގާރަ ދުވަހު ބުނެފައެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވާކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން އާންމު ގޮތެއްގައި ހުރިހާ ރައްޔިތުން، ޚާއްޞަގޮތެއްގައި ކަނޑުދަތުރުވެރިން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެތިބުމަށާއި، އެކަމަށް ފިޔަވަޅު އަޅައިގެން ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާގުޅިގެން ނެރޭ ސަމާލު، ހުދު ސަމާލު އަކީ ކޮބާ؟
މި ސަމާލުގެ ވަގުތުގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. އެގޮތުން 1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވާރޭވެހުން އެކަށީގެން ވެއެވެ. ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ މި އެލާޓް ނެރޭނެ އެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ހުދު ސަމާލު ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!