އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ނިންމިކަން ޕީއެސްއެމުން ހާމަކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ.
ޕީއެސްއެމުން ވޭތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ، ކުންފުނީގެ މެނޭޖުމަންޓާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތެރޭގެ ހުރިހާ ބިއުރޯއެއްގެ ޚިދުމަތް ހުއްޓިފައިވާކަމަށެވެ.
އެހެންނަމަވެސް ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދީ ބިއުރޯތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ އަމަލީ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި މަދުވެގެން 2 ބިއުރޯއެއް ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ބިއުރޯއިން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް މަޢުލޫމާތުތައް ގެނެސްދޭނެ. 2 ބިއުރޯއަށްވެސް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން." ޒީނާ ވިދާޅުވިއެވެ.
މީޑިއާ ސެންޓަރުތައް ހިންގުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުން 7 ބިމެއް ޕީއެސްއެމަށް ދޫކޮށްފައިވާއިރު، އެ ބިންތައް ހުރި ރަށްތަކުގެ ތެރެއިން 4 ރަށަކަށް ޒިޔާރަތްކުރައްވާ، އަލުން ބިއުރޯގެ މަސައްކަތް ފެށުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް ޕީއެސްއެމްގެ އެމްޑީ ޒީނާ މިއަދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!