ނިމިދިޔަ ސީޒަންގެ (2023/24) ސްޕެނިޝް ލަލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމް ހޯދައިފިއެވެ.

ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް ބެލިންހަމް ރެއާލާއި ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިއީ ރެއާލްގައި އޭނާ ކުޅުނު ފުރަތަމަ ސީޒަންއެވެ. މިފަހަރު ރެއާލުން 36 ވަނަ ފަހަރު ލަލީގާގެ ޗެމްޕިއަންކަން ހޯދިއިރު ބެލިންހަމް ވަނީ އެ ޓީމްގެ މެދުތެރެއާއު އެޓޭކްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ލީގުގައި އޭނާ ކުޅުނު 28 މެޗުގައި ވަނީ 19 ލަނޑުޖަހައި 6 އެސިސްޓް ކޮށްދީފައެވެ.

Ad
rt

އޭނާ މި މަގާމް ހޯދާފައި ވަނީ ޖިރޯނާގެ ފޯވާޑް ދޮވްބިކް، އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ގްރިޒްމަން، ބާސެލޯނާގެ ފޯވާޑް ލެވަންޑޯސްކީގެ އިތުރުން އޭނާއާއި އެއް ޓީމަކަށް ކުޅެމުން އަންނަ ވިނީސިއަސްއާއި ވާދަކޮށެވެ. ލަލީގާގެ މޮޅު ކުޅުންތެރިއާ ހޮވަނީ ސަޕޯޓަރުންނާއި ކްލަބްތަކުގެ ކެޕްޓަނުންނާއި ފުޓްބޯޅަ މާހިރުންގެ ޕެނަލަކުން ނަގާ ވޯޓެއް މެދުވެރިކޮށެވެ.

އުމުރުން 20 އަހަރުގެ ބެލިންހަމް ވަނީ ޑޯޓްމަންޑަށް ކުޅުނު ފަހު ސީޒަންގައި (2022/23) ޖަރުމަނު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މިދިޔަ އަންގާރަ ދުވަހު އިޓަލީ ކައިރީގައި އޮންނަ ސާޑީނާ ކިޔާ ރަށުގައި ބޭއްވި މި އެވޯޑް ހަފްލާގައި ބެލިންހަމް ބައިވެރިވެފައި ނުވެއެވެ. ސަބަބަކީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލާއި ޑޯޓްމަންޑް ވާދަކުރާ މެޗައް ތައްޔާރުވުމުގެ ގޮތުން މިވަގުތު އޭނާ ހުރީ ރެއާލް ޓީމާއިއެކު އޭނާގެ ގައުމުގައެވެ. މިފަހަރު ޗެމްޕިއަންސްލީގު ފައިނަލް ކުޅޭނީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

އަންނަ މަހު 14 ވަނަ ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން އެކުލަވާލި ޓީމުގައި ވެސް ބެލިންހަމް ހިމެނެއެވެ. އެ ޓީމްގެ މެދުތެރޭ މިހާރު ހުރި އެންމެ އިތުބާރު ކުޅުންތެރިއަކީ ވެސް ބެލިންހަމެވެ.