ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް އާންމުގޮތެއްގައި ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިގޮތުން އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވާކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން އާންމު ގޮތެއްގައި ހުރިހާ ރައްޔިތުން، ޚާއްޞަގޮތެއްގައި ކަނޑުދަތުރުވެރިން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެތިބުމަށާއި، އެކަމަށް ފިޔަވަޅު އަޅައިގެން ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް މެދުނުކެނޑި ވިއްސާރަ ކުރަމުން އަންނަތާ މިހާރު ވަނީ ދެ ހަފުތާއެއްހާ ދުވަސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!