ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ މިއަދު އިންތިޚާބުކޮށްފިއެވެ.
މިއަދު 10:15 ގައި ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާ ގައި މަޖިލީހުގެ ރައީސްގެ މަގާމަށް ބޮޑު ދެ ޕާޓީން ވެސް ނަން ހުށަހަޅައިފިއެވެ.
މިގޮތުން ވެރިކަންކުރާ ޕީއެންސީން ހުށަހެޅީ ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ގެ ނަމެވެ. އެމްޑީޕީން ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަމެވެ.
މަޖިލިސް ރައީސްގެ މަގާމު އަދުރޭ ކާމިޔާބު ކުރެއްވީ 71 ވޯޓުންނެވެ. އެމްޑީޕީގެ ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ.
ރައީސަކު އިންތިޚާބު ކުރަންނެގި ވޯޓުގައި ބާތިލު ވޯޓުގެ އަދަދަކީ 7 އެވެ. އެހެންކަމުން ބާތިލު ވޯޓު ނުހިމަނައި 85 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލިސްގެ ގަވާއިދު ބުނާގޮތުން މަޖިލިސްގެ ރައީސާއި ނައިބު އިންތިޚާބު ކުރާނީ އެކަމަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން ނެގޭ ފަސް މެންބަރުންގެ ކޮމެޓީ އަކުންނެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ.
20 ވަނަ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީގެ 75 މެންބަރަކު ތިއްބަވައެވެ. އަދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 12 އެވެ. ދެން ތިއްބަވަނީ މިނިވަން 2 މެންބަރަކާއި، އެމްޑީއޭގެ 2 މެންބަރަކާއި، ޖޭޕީގެ މެންބަރެއް އަދި އެމްއެންޕީގެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!