ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

މާތްﷲ، ސައުދީގެ ރަސްގެފާނަށް ރަނގަޅު ސިއްހަތަކާއި ދިގު އުމުރެއް ދެއްވުމަށް އެދި ރައީސް ޑރ. މުއިއްޒު ވަނީ ދުއާ ކުރައްވައިފައެވެ.

ސައުދީ ރަސްގެފާނު އާލާސްކަންފުޅެއްގައި އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އެމަނިކުފާނަށް ޖެހިވަޑައިގެންފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅެކެވެ. އެ ޓެސްޓުތައް އެމަނިކުފާނު ހެއްދެވީ ވަރަށް ގަދަ އަށް ހުން އައިސް، ހުޅުތަކުގައި ރިއްސަން ފެށުމުންނެވެ. އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސައުދީގައި ހުންނަ އަލްސަލާމް ގަނޑުވަރުގައި ކަމަށްވެއެވެ.

ސަލްމާން، ސައުދީގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ގައެވެ. ސަލްމާން އާލާސްކަންފުޅާ އުޅުއްވާތީ، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޖަޕާނަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު މިހާރު ވަނީ ކެންސަލް ކުރައްވައިފައެވެ.