ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ފަތުރުވެރިއެކެވެ.
ރަޝިޔާ އަށް ނިސްބަތްވާ މި މީހާ ގެނބިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.
އޭޑީކޭ ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ކ. ފިހާޅޮހި ރިސޯޓުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!