ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިއަދު 8:00 އިން 11:00 އަށެވެ.

Ad
rt

މި ސަމާލުގެ ވަގުތުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސް ވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް މޫސުން ގޯސް ދުވަސް ވަރެކެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވާގޮތުގައި ބުދަ ދުވަހުން ފެށިގެން ހުކުރުގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކަށް ވަރަށް މޫސުން ގޯސްވާނެއެވެ. އެހެންކަމުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ގުޅިގެން ނެރޭ ސަމާލު، އޮރެންޖު އިންޒާރަކީ ކޮބާ؟

އޮރެންޖު އިންޒާރު:

މި ސަމާލުގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މި ސަމާލު ނެރޭނެ އެވެ.

ކަނޑު ދަތުރުފަތުރު ކުރުމަކީ މި ސަމާލުގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.