ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ބަޔާން ލެވަކޫސަން ބަލިކޮށް އެތުލާންޓާއިން ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ކުޅުނު ފައިނަލް މެޗު އެތުލާންޓާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެތުލާންޓާއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޒަޕަކޯސްޓާ ލެވަކޫސަންގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލޫކްމަން ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު ލޫކްމަން ޖަހާފައި ވަނީ 26 ވަނަ މިނެޓުގައި ލެވަކޫސަންގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ލޫކްމަން އޭނާގެ ހެޓްރިކް ފުރިމަހަކޮށް އެތުލަންޓާއަށް ތިންލަނޑުގެ ލީޑެއް ހޯދައިދިނީ މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދިން ލަނޑުންނެވެ.
މިއީ ފާއިތުވި 61 އަހަރުތެރޭ އެތުލާންޓާއަށް ތައްޓެއް ހޯދުނު ފުރަތަމަ ފަހަރެވެ. މިއީ ޔޫރަޕް މުބާރާތެއްގެ ފައިނަލުގައި އެތުލާންޓާ ވާދަކުރި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅެފައިވާ ލެވަކޫސަން އިން މިއީ ޔޫރަޕް މުބާރާތެއްގެ ފައިނަކުގައި ކުޅުނު ތިންވަނަ ފަހަރެވެ.
މިއީ މި ސީޒަންގައި ލެވަކޫސަން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ ބަލިނުވެ 51 މެޗު މި ސީޒަންގައި ކުޅެފައެވެ. މިއީ ވެސް ރެކޯޑެކެވެ. ކުރިން މި ރެކޯޑް އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. އެ ޓީމުން 1963 އިން 1965 އަށް ބަލިނުވެ 48 މެޗު ކުޅެފައެވެ.
މި ސީޒަންގައި ގިނަ މެޗުތަކެއްގައި ލެވަކޫސަން އިން ފަހަތުން އަރައި މޮޅުވި ނަމަވެސް އެތުލާންޓާ ކައިރީގައި ލަނޑުޖަހާނެ ފުރުސަތު ހޯދުމުގައި ލެވަކޫސަންއަށް މާބޮޑު ކަމެއް ކުރެވުނުތަން ނުފެނުނެވެ. މެޗުގެ ދެވަނަ ހާފުގައި ގޭމް ކޮންޓްރޯލް ކުރިނަމަވެސް ލަނޑުޖަހާނެ ހުސް ފުރުސަތެއް އެތުލާންޓާގެ ޑިފެންސް ތެރެއިން ލެވަކޫސަންއަށް ތަނަވަސް ނުކުރެވުނެވެ.
މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އައި އެތުލާންޓާއިން ވަނީ އިޓާލިއަން ކަޕްގެ ފައިނަލުގައި ވެސް ކުޅެފައެވެ. މިދިޔަ ހަފްތާގައި އިޓާލިއަން ކަޕް ފައިނަލުގައި އެ ޓީމް ބަލިވީ ޔުވެންޓަސް އަތުންނެވެ.
އާދަޔާ ހިލާފް މޮޅަށް މި ސީޒަންގައި ކުޅެމުންއައި ލެވަކޫސަން އިން ވަނީ މި ސީޒަންގައި ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އެ ޓީމުގެ ތާރީހުގައި އަލަށް ޖަރުމަނު ލީގު ކާމިޔާބުކުރި އިރު، އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދީ އެންމެ މެޗަކުން ވެސް ބަލިނުވެއެވެ. ޔޫރަޕުގެ އެއްވެސް ޓީމަކަށް ސީޒަން އެއްކޮށް ބަލިނުވެ ނިންމާލެވިފައި ނުވާއިރު، ލެވަކޫސަން ބަލިވެފައި މިވަނީ ސީޒަން ނިމެން ބާކީ ދެ މެޗަށް ވެފައި ވަނިކޮށެވެ. ލެވަކޫސަންއަށް އަދި ތައްޓެއް އަދި މި ސީޒަންގައި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޖަރުމަނު ކަޕް ތައްޓެވެ. އެއީ މި ސީޒަންގައި އެ ޓީމް ކުޅޭ އެންމެ ފަހު މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!