ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރު ނުދިޔުމަށާއި އަދި މޫދަށް ނޭރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

Ad
rt

މިގޮތުން ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

‘’އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކުރަން’’ ފުލުހުން ބުނެފަވެއެވެ.

ފުލުން މި އިލްތިމާސްކޮށްފައިވާއިރު، އެމްއެންޑީއެފުން ވެސް ވަނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވިއްސާރަކޮށް ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި، ރާއްޖޭގެ ބޮޑުބަޔަކަށް (މ އަތޮޅުން ބ އަތޮޅަށް) އޮރެންޖު ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.