މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން، ނޫރްޢައިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މިގޮތުން އޭނާ އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ އިއްޔެ ޕީސީބީ އަށް ލިބިފައިވާ ކަމަށް އެތަނުން ވަނީ ބުނެފައެވެ.

Ad
rt

އެހެންކަމާއެކު، އޭނާގެ އިސްތިއުފާ ގަބޫލުކޮށް، މަގާމުން ވަނީ ވަކިކޮށްފައިވާ ކަމަށް ވެސް ޕީސީބީން ވަނީ ބުނެފައެވެ.

ނޫރްޢައިން މަގާމަށް އައްޔަނު ކުރެއްވީ ޑިސެންބަރު 27، 2023 ގައެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެ އެވެ.

ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވައިފަ އެވެ. އޭނާ އަކީ ނިއުޒިލެންޑްގެ އިތުރުން ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ.