އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ފަލަސްތީނުގެ ޣައްޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ.

Ad
rt

ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ތުހުމަތު ކުރަނީ ނަސްލެއް ނައްތާލުމަށް މަގުފަހިކޮށްދިނުމާއި ހަނގުރާމަ ކުރުމުގެ ނަމުގައި ރައްޔިތުންނަށް ބަނޑުހައިހޫނުކަން މެދުވެރި ކުރުވައި އިންސާނީ އެހީގެ ސާމާނު ނުދިނުމާއި ކުށެއް ނެތް އާންމުންނަށް ހަމަލާ ދިނުމުގެ ތުހުމަތެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީގެ ޕްރޮސެކިއުޓަރު ހުށަހެޅުއްވި މައްސަލައަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ގައުމަކީ ބައިނަލްއަގްވާމީ ގާނޫނަށްވުރެ މަތީގައިވާ ބައެއް ނޫން، ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީވާން ޖެހޭނެ،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޣައްޒާގައި އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާކަން ސާބިތުކުރެވޭ ވަރަށް ޕްރޮސެކިއުޓާ އޮފީހުން ހެކި ހޯދާފައިވާކަމުގެ ޔަގީންކަން ރާއްޖެއަށް އެބައޮތް ކަމަށެވެ.

"ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހުރިހާ މަގެއް އަޅުގަނޑުމެން ހޯދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ނަސްލު ނައްތާލުމަށްޓަކައި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް މެދުކެނޑުމެއްނެތި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވެފައިވާ ކަމެއް ކަމަށެވެ.

"އެހެންކަމުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫ އާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުގެ ހުށައެޅުއްވުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމެވެ." އެ ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާބެހޭ މުއާހަދާ ދަ ރޯމް ސްޓެޓިއުޓްގެ ބައިވެރި ދައުލަތެއްގެ ހައިސިއްޔަތުން، ބައިނަލްއަގްވާމީ ގާނޫނުތަކުގެ މިންގަނޑުތަކަށް ބޯލެނބުމާއި އަދުލު އިންސާފާއި ޖަވާބުދާރީވުމުގެ އަސާސްތައް ދެމެހެއްޓުމުގެ މުހިންމު ކަމަށެވެ. އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ސާބިތުހެކި ޕްރޮސެކިއުޓަރު ހުށަހަޅުއްވާނެ ކަމަށާއި، އަދި ކޯޓުގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާމެދު ދިވެހި ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަމިއްލަ އިހްތިޔާރުގެ ހައްގާއި މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކޮށް، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.