ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު، ޝަރީއަތް ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެފްއޭއެމްއަަށް ފީފާއިން ފޮނުވި ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
އެ މައްސަަލާގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދިފައިވެ އެވެ.
މިއަދުގެ އަޑުއެހުުމުގައި ދައުލަތުގެ ހުށަހެޅުމަށާއި ދިފާއުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިއާޔަތް ކުރުމަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމަށެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ދިނީ ބައްސާމުގެ މައްޗަށް ހިންގާ ތަހުގީގުގެ ބޭނުމަށް މި މަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!