އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ހިތާމައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އިރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ.

Ad
rt

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާންގެ ރައީސް ރައީސީ އާއި ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން އެހެން މީހުން ދުނިޔެއާ ވަކިވެގެން ދިއުމުން ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއްކަމަށެވެ. އަދި މި ހާދިސާގައި އަވަހާރަވި ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި ދުނިޔެއާ ވަކިވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.

މި ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން 15 ވަރަކަށް ގަޑިއިރު ފަހުން ޑްރޯންގެ އެހީގައި މި ހެލިކޮޕްޓަރު ވެއްޓިފައިވާތަން ދެނެގަނެވިފައިވާއިރު، އެ ހެލިކޮޕްޓަރު ފެނުނުއިރު ވަނީ އެއްކޮށް އަނދާފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފަވެއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ރައީސީގެ އިތުރުން ހެލިކޮޕްޓަރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން އާއި އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ އަދި ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް ހިމެނިވަޑައިގަންނަވައެވެ.

މި ހެލިކޮޕްޓަރު ވެއްޓުނީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯވެ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.