2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ 54،101 މެންބަރުންނެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 53،695 އެވެ.
2019 ވަނަ އަހަރުގެ މެއިމަހު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 54،302 މެންބަރުން ތިއްބެވެ.
ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ތިބީ 36،073 މީހުންނެވެ. ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި 2019 ނޮވެމްބަރު 24ގެ ނިޔަލަށް ތިބީ 36،833 މެންބަރުންނެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 38،020 އެވެ.
ޖޭޕީގެ މެންބަރުންގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 11،072 މެންބަރުން ތިބި އިރު އެމްޑީއޭގެ މެންބަރުންގެ ގޮތުގައި ތިބީ 8506 މީހުންނެވެ. އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދަަކީ މިދިޔަ މަހުގެ ނިޔަލަށް 6789 އެވެ.
މިދިޔަ މަހުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ ގޮތުގައި 4221 މީހުން ތިބި އިރު އެމްޓީޑީގެ މެންބަރުންގެ ގޮތުގައި 3279 މެންބަރުން ތިއްބެވެ. އެމްއެސްއެލްޑީޕީގެ މެންބަރުންގެ ގޮތުގައި 2977 މީހުން ތިބިއިރު އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި ތިބީ 2851 މީހުންނެވެ.
މި މުއްދަތުގެ ނިޔަލަށް ޖޭޕީގެ 1163 މެންބާޝިޕް ފޯމު ޕްރޮސެސް ނުކޮށް ހުރި ކަމަށާއި ޕީޕީއެމްގެ އަދި އެމްއާރުއެމްގެ 232 ފޯމެއްވެސް ޕްރޮސެސް ނުކޮށް ވާކަމަށް އިލެކްޝަންސް އިން ބުންނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!