ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
މިކަމުގެ މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދެ ފުލުހަކާމެދު، ތިން މީހަކުވެގެން ވަޅިން ބިރުދައްކާ މާރާމާރީ ހިންގާފައި ވަނީ ރޭ 22:00 ހާއިރު ކަމަށެވެ.
އެ މީހުން އެ ޢަމަލު ހިންގީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކާމެދު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގަައި މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެއީ 39 އަހަރުގެ ދެ މީހުންނާއި އަދި 35 އަހަރުގެ މީހެކެވެ.
އެ މީހުން ހައްޔަރުކޮށް މައްސަލަ ބަލަމުން ދާއިރު، އެ މީހުން ހައްޔަރުކުރި ގޮތާއިމެދު ޝަކުވާތަކެއް ލިބުމުން އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑުން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގަައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!