ޕޮންޒީ ސްކީމެއް ހިންގައި, ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތުގައި ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

އަލްހާނާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ސަހުބާން އިތުރުން ޝަޒްބާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން މީހުންގެ އަތުން ފައިސާ ނަގައި އަނބުރާ ނުދިން މައްސަލައިގަ އެވެ.

Ad
rt

އެ މީހުންގެ މައްޗަށް ކުރަނީ ޓެކުމުގެ 13 ދައުވާ އެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް އެ ތިން ބެއިން ވެސް ވަޑައިގަތީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ހަމަޖައްސަން އަލްހާނާއި ސަހުބާން އެދުނީ އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ޝަޒުބާން ދެ މަސް ދުވަހުގެ ފުރުސަތަކަށް އެދުނެވެ.

މާލީ ހާލަތު ދަށް ކަމުގެ ވާހަކަ ތިން ބެއިން ފާހަގަ ކުރުމުން، ދައުލަތުގެ ފަރާތުން ހިލޭ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ބޭނުން ކުރަން ބޭނުންވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ސުވާލު ކުރެއްވި އެވެ.

ތިން ބެއިން ވެސް ވިދާޅުވީ ބޭނުން ވަނީ އަމިއްލައަށް ވަކީލަކު އައްޔަންކޮށްގެން ކުރިއަށް ދާން ކަމަށެވެ.

ގާޒީ ޝަފީއުު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ވަކީލަކު ހަމަޖައްސަން އެއް މަަސް ދުވަހުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އެ ގާނޫނު އޮތްގޮތުން އެންމެ ގިނަވެގެން ވެސް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ކަމަށާއި ތިން ބެއިންނަށް ވެސް ވަކީލުން ހަމަޖައްސަން އެ މުއްދަތު ދީފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.