އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ފުލަމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލީގު ކާމިޔާބު ކުރުމާއި ދާދި ގާތަށް ސިޓީ ޖެހިލައިފިއެވެ.

ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ފާއިތުވި ތިން ސީޒަންގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ. ފާއިތުވި އަށް ސީޒަނަށް ބެލިނަމަވެސް ލީގު ހޯދުމުގައި ސިޓީ އުޅެނީ އެހެން ޓީމްތަކަށްވުރެ މާ ބޮޑަށް ވެސް ކުރީގައެވެ. ފާއިތުވި އަށް ސީޒަންގައި ސިޓީން ވަނީ ހަ ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ.

Ad
rt

ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ، ކުޅުނު 36 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 36 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. އާސެނަލް މިރޭ ރަށުން ބޭރުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އާސެނަލަށް އެއްވަނައަށް ޖެހިލެވޭނެއެވެ. ނަމަވެސް އެއީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އާސެނަލަށާއި ސިޓީއަށް ވެސް ލީގުގައި ބާކީ ދެ މެޗު އޮތްއިރު އާސެނަލް މިރޭ ބަލިވެއްޖެނަމަ ދެން ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްގެން ސިޓީއަށް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ.

ސިޓީގެ ފަރާތުން ރޭ މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޖޮސްކޯ ގްވާޑިއޯލްއެވެ. ދެވަނަ ލަނޑު 59 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފޮޑެން ޖަހައިދިންއިރު، 71 ވަނަ މިނެޓުގައި އެ ޓީމަށް ތިންވަނަ ލަނޑު ޖަހައިދިނީ ވެސް ގްވާޑިއޯލްއެވެ. ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.