ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ރޫޅާލަން ފަތުރާ ދޮގު ހަބަރުތަކުން ވާނީ ފަޟީހަތް ކަމަށް ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް…
— Abdul Raheem Abdulla (@Banafsaa) May 11, 2024
ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެމަނިކުފާނަށް ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް ކަން ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދިވެހިން ނުކުމެ ސާބިތުކޮށްދެއްވީމަ އެކަން ބަލައިނުގަނެވިގެން އެމަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ހަބަރުތަކުން އެ ފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރު ކަމެއް ހާސިލް ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒާ އެކު ޓީމު އޮތީ ބަދަހިކޮށެވެ.
"ދިވެހިން ދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިއަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒަށާއި ސަރުކާރަށް ފާޑު ކިއުންތަކެއް އަމާޒުވެފައި ވަނީ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވަފްދެއް ސައުދީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެންނެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާއްސަ މެހްމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅުގައި އިއްޔެ މަދީނާ އަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ރަސްގެފާނު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަޑައިނުގަތުމުން ބައެއް ދިވެހި މީޑިއާތަކުން އެކަމަށް ފާޑުކީއެވެ.
މިއަދު ކުރެއްވި އިތުރު ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުން ސައުދީ ރަސްގެފާނުގެ މެހުމާންދާރީގައި އުމްރާއަށް ވަޑައިގަތުމަކީ އަދި އެ ދަތުރުފުޅަށް ސައުދީ ސަރުކާރުން ޚާއްސަ ބަޖެޓެއް ހަމަޖައްސަވައި ދެއްވުމަކީ ނުވަތަ މަދީނާއަށް ރައީސްގެ ދެ ކަނބަލުން ވަޑައިގަތުމުން މަދީނާގެ ގަވަރުނަރު ވަޑައިގެން ރިސީވް ކުރައްވާ އޮނަގާޑެއް އެރުވުމަކީ ބަޔަކު ހަސަދަވެރިވާން ޖެހޭކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި މިއީ މީ ދިވެހީން އުފާކުރަންވީކަމެއް ނޫންތޯ ސުވާލުކުރައްވާފައިވެއެވެ.
ޙަސަދަވެރި ވިޔަސް ހަގީގަތާ ކުރިމަތިލުމުގެ ހިތްވަރު ހުންނަންވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!