ދާއިރާގެ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލިހަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

Ad
rt

ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރު ކަމުން ވަކިވާނެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެއިތުރުން މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެމްބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމި ދާނެ ކަމަށް ބުނެފައިވެއެވެ.

ހަމަ އެ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެމްބަރަކު ޕާޓީން ވަކިކުރުމުން މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.

އަދި އެ ނޫން ސަބަބަކަށްޓަކައި ޕާޓީގެ މެމްބަރު ކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކިކުރުމަށް ނިންމުމުންވެސް މެމްބަރުކަމުން ވަކިވާނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ދާއިރާގެ ރައްޔިތުން ހުށަހަޅާ ޕެޓިޝަނަކުން، ރައްޔިތުންގެ އާންމު ވޯޓެއް ނަގައިގެންވެސް މެމްބަރުކަމުން ވަކިވާނެ ކަމަށް ބުނެފައިވެއެވެ.