ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއީ ރާއްޖޭގެ ފަރާތުން ތުރުކީ އަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ.
ސިފައިންގޭގައި 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހުގައި އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ.
ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރައްވަން ނިންމަވާފައިވާ އިރު، މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ރާއްޖެ އިން ވަނީ މުޅިން އަލަށް ތުރުކީގައި އެމްބަސީއެއް ގާއިމު ކުރަން ނިންމައިފައެވެ. އެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގެ ތެރޭގައެވެ.
މި ދަތުރުފުޅަށް ފަހު، ރައީސް ޑރ. މުއިއްޒާއި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން އާ ދެމެދު ވަރަށް ގާތް ގުޅުމެއް އެބައޮތެވެ. ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް އަދި ފުރަތަމަ ފަހަރަށް ރާއްޖެ އަށް އަސްކަރީ ޑްރޯން ވެސް ގެނައީ ތުރުކީންނެވެ.
އޭގެ ތެރެއިން ގިނަ އާލާތްތަކަކީ ތުރުކީގެ ހިލޭ އެހީގެ ދަށުން ރާއްޖެ ގެނައި ތަކެއްޗެވެ. އަސްކަރީ ގުޅުމުގެ އިތުރުން ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެކި އެއްބަސްވުންތައް ވަނީ ގާއިމުކޮށްފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ސިފައިންގެ ޗީފަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.
އަބްދުއްރަހީމް، ސިފައިންގެ ހިދުމަތާ ހިދުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ. ސިފައިންގެ ހިދުމަތް އޭނާ ފެށްޓެވީ "ސިގްނަލްސް" ޑިޕާޓްމަންޓުންނެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވިއިރު، އެ ކޯހުން އެއްވަނަ ހޯއްދެވިއެވެ.
އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފައެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!