މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތިން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި، އާންމުންގެ މީހެއްގެ ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯ ކުރެއްވި މައްސަލައިގައެވެ.
އެ ވީޑިއޯގައި އިންމު، އިމްރާންގެ އަރިހުން އެދިވަޑައިގެންފައި ވަނީ ޑްރައިވަރަށް މައާފުކޮށްދިނުމަށެވެ. އެކަމަކު، ޖަވާބުގައި އިމްރާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މި މައްސަލައިގެ ތެރެއަށް އިންމު ވެންނެވުމުން އޭނާ އަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވިއެވެ.
އަދި އިމްރާން ވެސް ބޮޑާކަމާއި ކިބުރުވެރިކަން އިސް ކުރެއްވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިއުން އިމްރާނަށް ވެސް އަމާޒުވެފައިވެއެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، އެއްވެސް މަގްސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަންކަން ނޫން ކަމަށެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވެއެވެ.
"ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ. އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!