އިންޓަ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފަސް މެޗު ކުރިއަށް އޮއްވައި، އިންޓައިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ރޭ އޭސީ މިލާން 2-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މިއީ އިންޓައިން ލީގުގެ ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ. އޭސީ މިލާނުން 19 ފަހަރު ލީގު ތަށި ހޯދިއިރު، އެންމެ ގިނައިން ލީގު ތަށި ހޯދާފައި ވަނީ ޔުވެންޓަސް އެވެ. އެ ޓީމުން ވަނީ 36 ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ވެސް އެޓޭކިން ގޭމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އިންޓަ މިލާނުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި އެކާބީ ޖަހައިދިންއިރު، ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޖަހައިދިނީ މާކަސް ތްރަމްއެވެ. މިލާންގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ޓޮމޯރީއެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ވަނީ ތިން ރަތްކާޑު ފެނިގެން ގޮސްފައެވެ. މިގޮތުން މިލާންގެ ތިއޯ ހެނާންޑޭޒްއަށާއި ކެލަބްރިއާއަށް ރަތްކާޑު ދެއްކިއިރު، އިންޓައިގެ ޑަމްފްރީސްއަށް ވަނީ ސީދާ ރަތްކާޑު ދައްކާފައެވެ.

އިންޓައިން ވަނީ 33 މެޗުން 86 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނާގައި އޮތް މިލާނަށް 33 މެޗުން ލިބިފައި ވަނީ 69 ޕޮއިންޓެވެ. މިހާރު މި ދެ ޓީމްގެ ދެމެދު 17 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.