އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުގައި، ޗެލްސީގެ ޒުވާން މިޑްފީލްޑަރ ކޯލް ޕާމާ ޖެހި ހަތަރު ލަނޑާއިއެކު ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް އޭނާ ޖެހިލައިފިއެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވި އުމުރުން 21 އަހަރުގެ ޕާމާ، މި ސީޒަންގައި އަންނަނީ މޮޅަށް ކުޅެމުންނެވެ. ރޭ މެޗުގެ ފުރަތަމަ 29 މިނެޓުގައި އޭނާ ހެޓްރިކް ފުރިހަމަ ކުރިއިރު، ފުރަތަމަ ލަނޑު ޖެހީ 13 ވަނަ މިނެޓުގައެވެ. މި ލަނޑުގައި އޭނާގެ އިންޑިވިޖުއަލީ މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ފަސް މިނެޓް ފަހުން ޕާމާ ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައި ވަނީ 29 ވަނަ މިނެޓުގައި، އެވަޓަންގެ ކީޕަރު ޕިކްފޯޑް ހެދި ގޯހަކުން ލިބުނު ބޯޅައަކުންނެވެ.

މެޗުގައި ޗެލްސީއަށް ހަތަރުވަނަ ލަނޑު ޖަހައިދިނީ ނިކޮލަސް ޖެކްޝަން އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކުކުރެއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

މެޗުގެ ފަސްވަނަ ލަނޑު 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވެސް ޕާމާއެވެ. މި ޕެނަލްޓީ ޖަހަން މަޑުއޭކޭ އާއި ޖެކްސަން މަސައްކަތް ކުރުމުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސް ކަމެއް ފެނިގެން ދިޔައެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗް ޕޮޗެޓީނޯ ވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޓީމްގައި ޕެނަލްޓީ ޖަހާ ކުޅުންތެރިއާއަކީ ޕާމާ ކަމަށާއި، އެކަން ކުޅުންތެރިން ދަންނަން ޖެހޭނެ ކަމަށާއި، މި މެޗުގައި ދަނޑުމަތީ ފެނުން ކަހަލަ އަމަލެއް ކުރިއަށް އޮތްތަނުގައި ކުޅުންތެރިންގެ ފަރާތިން ފެނިގެން ނުވާނެ ކަމަށެވެ.

މި ހަތަރު ލަނޑާއިއެކު ، ޕާމާ ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ސިޓީގެ އާލިން ބްރައުޓް ހާލަންޑާ އެއްވަރުކޮށްފަ އެވެ. މި ކޮންމެ ކުޅުންތެރިއަކު މިހާތަނަށް ވަނީ ލީގުގައި 20 ލަނޑު ޖަހާފައެވެ.

ޗެލްސީގެ ހަވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ އަލްފީ ގިލްކްރިސްޓެވެ. މި މޮޅާއިއެކު ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 31 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ. މެޗުން ބަލިވި އެވަޓަން އޮތީ 32 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު 16 ވަނާގައެވެ.