ޓްރެފިކް ލައިޓް ރަތްވުމުންވެސް މަޑުނުކޮށް ދިޔަ ސައިކަލަކުން ބަނގުރާ ހުރި ފުޅިއެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ މިރޭ ސިނަމާލެ ބުރިޖުން ދަތުރުކުރި ސައިކަލެއް ހުޅެލެއަށް ދާން އަޅަން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި މަޑު ނުކޮށް ދިއުމުން ހިއްޓުވައި ބަލާ ފާސް ކުރި ކަމަށެވެ.
އެސައިކަލު ބަލައި ފާސްކުރި އިރު ބަނގުރާ ހުރި ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްވެސް ނެތްކަމަށް ފުލުހުން ބުންޏެވެ. ފުލުހުންވަނީ އެމީހާއާއި މެދު ފިޔަވަޅު އަޅާފައެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް މައްސަލަ ތަހުޤީގު ކުރަމުން ދާކަމަށެވެ.
ފުލުހުން އިއްޔެވެސް ވަނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 21 ފުޅި ކ. މާފުށިން ހޯދާފައެވެ. އެފުޅިތައް ފެނުނީ މާފުށީގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އިއްޔެ މެންދުރު 14:25 ހާއިރު އެރަށުގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!