އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން ލެވަކޫސަން އިން ކާމިޔާބު ކޮށްފިއެވެ.

ލެވަކޫސަން އިން ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މި ވަނީ ރޭ ލީގުގައި ވާޑާ ބްރެމެންއާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ. ލީގުގައި މިހާތަނަށް ބަޔާން ކުޅެފައިވާ 29 މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. ބާކީ ފަސް މެޗު އޮއްވައި ލެވަކޫސަން އިން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމްގެ ތާރީހުގައި ވެސް ޖަރުމަނު ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 29 މެޗު ލެވަކޫސަން ވަނީ 79 ޕޮއިންޓް ހަމަކޮށްފައެވެ. ފާއިތުވި 11 އަހަރު ތަށި ހޯދި ބަޔާން މިއުނިކް ދެވަނާގައި އޮތީ 29 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

މި ސީޒަންގައި ލެވަކޫސަން އިން މިހާތަނަށް ކުޅުނު 43 މެޗުން ވެސް އެ ޓީމް ބަލިވެފައިނުވާއިރު، ލީގުގެ އިތުރުން އަދި ދެ ތައްޓެއް ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ޖަރުމަނު ކަޕުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު، އެ ޓީމުން އަންނަނީ ޔޫރޮޕާ ލީގު ތައްޓަށް ވެސް ވާދަ ކުރަމުންނެވެ.

ރޭ މެޗުގައި ލެވަކޫސަން އަށް ލަނޑުތައް ޖަހައިދިނީ ބޮނީފޭސްއާއި ޒާކާގެ އިތުރުން ފްލޮރިއަން ވިޓްޒްއެވެ. ވިޓްޒް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުބަލަން އެ ޓީމްގެ ވަރަށް ގިނަ ސަޕޯޓަރުން ދިޔައެވެ. މުޅި ދަނޑު އޮތީ ރަތްކުލާގައެވެ. މެޗު ނިމުމާއިއެކު ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.

އެލަންސޯގެ ކޯޗް ކަމުގައި ލެވަކޫސަން މިވަނީ އާދަޔާ ހިލާފް ނަތީޖާތަކެއް ނެރެފައެވެ. އެލަންސޯ 2022 ވަނަ އަހަރު އެ ޓީމުގެ ކޯޗުކަމާއި ހަވާލުވީއިރު އެ ޓީމް އޮތީ ރެލިގޭޝަން ޒޯންގައެވެ. ނަމަވެސް އެލަންސޯގެ އިރުޝާދުގެ ދަށުން އޭގެ 18 މަސް ފަހުން އެ ޓީމުން މިވަނީ ފުރަތަމަ ތަށި ކާމިޔާބު ކޮށްފައެވެ.