ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާއިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މޯލްޑިވްސް މީޓިއަރޮލޮޖީ ސާވިސް އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނަ އަށް އެންމެ ގިނައިން ވެހުނީ މާލެއަށެވެ. މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި ގެމަނަފުއްޓަށް 100.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މީގެއިތުރުން ފުވައްމުލައް ސިޓީ އަށް 86 މިލިމީޓަރު ވާރޭ، އއ. ތޮއްޑު އަށް 81 މިލިމީޓަރުގެ ވާރޭ، ކ. ދިއްފުއްޓަށް 54.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރެއެވެ. އަދި ސ. ގަމަށް 52.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ދައްކައެވެ.
ހުޅުމާލެ އަށް އިއްޔެ ވެހުނީ 47.5 މިލިމީޓަރުގެ ވާރޭއެވެ.
ވިއްސާރާގައި މާލޭގެ 122 ތަނަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައިވާ އިރު، ށ. ފީވަކުގެ 20 ގެއަކަށާއި ފޯކައިދޫގެ ތިން ގެއަކަށާއި ތ. ވަންދޫގެ ގެއަކަށް ވެސް ފެން ވަދެ، ގެއްލުން ލިބުނެވެ. ވިއްސާރައިގައި މާލެ އިން ގެއްލުން ލިބުނު ހަ ގެއެއްގައި ދިރިއުޅޭ 43 މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!