ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފ. ފީއަލީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރެއްވުނު އިރު، އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލުވުންތަކުން އެނގިވަޑައިގަތް ކަމަށެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ ޓޫރިޒަމް އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ސީދާ ކައުންސިލްތަކަށް ޖަމާ ކުރުން ކަމަށެވެ. އެކަމަކު، ފުރަތަމަ ކަމަކަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކައުންސިލަށް އެ ފައިސާ ވަނީމަ، ރަށްރަށުގައި ކުރަން ޖެހޭ ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުން ވަނީ ރައްޔިތުން މުއްސަނދި ކޮށްދޭން މިކަން ކުރެވޭނީ މިކަހަލަ ކަންކަން އަޅުގަނޑުމެންނަށް ފަހި ވެގެން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރަށުގެ ރައްޔިތުން އާމްދަނީ ހޯދޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކައުންސިލްތަކަށް ފަޅު ރަށްތައް ވެސް ދޫކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއް އުފެދިފައި އޮތް ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތީ އެ ކޮމިޓީތަކަށް އަމަލީ ގޮތުން ހަރަކާތްތެރި ވެވޭނެ ގޮތަކަށް ނޫން ކަމަށާއި އެލަވަންސެއް ގޮތުގައި ކުޑަ އެއްޗެއް ލިބުން ފިޔަވައި މާ ބޮޑު ފުރުސަތުތަކެއް އެ ކޮމިޓީތަކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެލަވަންސް ވެސް ދޭން ޖެހެނީ ކައުންސިލްގެ ބަޖެޓުގައި އޮންނަ %5 ފައިސާ އިން ކަމަށެވެ.
"ރޯދަ މަހުގެ އެލަވަންސް ވެސް، ވިހެއުމުގެ ޗުއްޓީ އަންހެނުންނަށް ލިބެން ޖެހޭ ހާއްސަ ޗުއްޓީތަކެއް ނުލިބޭ. އެ ލިބޭ އެލަވަންސްގެ ބޭނުން ކޮށްގެން ލޯނެއް ނަގާކަށް ފުރުސަތެއް ނުލިބޭ. މިހެން ގޮސް ވަރަށް ގިނަ ދަތިތައް އެބަހުރި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އެހީތެރިކަމާ އެކުގައި މިފަދަ ގާނޫނުތައް ހައްލުކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައި ދޭން ބޭނުންވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!