ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ކުރީގައި އުޅޭ ތިން ޓީމްގެ ތެރެއިން ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު ޖިރޯނާ ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ރެއާލް ނުކުމެފައި ވަނީ މަޔޯކާއާއި ދެކޮޅަށެވެ. މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ޗުއަމެނީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މަޔޯކާގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީކަނަށް އަމާޒު ކޮށްލައިގެންނެވެ. މިއީ މި ސީޒަންގައި އޭނާ ރެއާލަށް ޖަހައިދިން ތިންވަނަ ލަނޑެވެ.

Ad
rt

މި ހަފްތާ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލުން ނުކުންނާނީ މެންޗެސްޓާ ސިޓީގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށެވެ. މި މެޗު ކުރިއަށް އޮތުމާއިއެކު ރޭ މެޗަށް ރެއާލުން ނެރުނު ފުރަތަމަ އެގާރާގައި މުހިންމު ބައެއް ކުޅުންތެރިން ހިމަނާފައި ނުވެއެވެ. މިގޮތުން ވިނީސިއަސްއާއި ކަރަވަހާލްގެ އިތުރުން ޓޯނީ ކްރޫސް ވެސް މެޗު ފެށީ ބެންޗުންނެވެ. ރެއާލުގެ ދަނޑުގައި ސިޓީއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއިއެކު ދެވަނަ ލެގުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.

ރޭ ބާސާއާއި ކަޑިޒް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާގެ ހަމައެކަނި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ފެލިކްސްއެވެ.

ރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޖިރޯނާއިންނެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޑޮވްބިކް އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން ވަނީ ނަތީޖާ އަނބުރާލާފައެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގްރިޒްމަން ޖަހައިދިންއިރު ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ކޮރެއާއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ގްރިޒްމަން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްދީފައެވެ.

ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 31 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ބާސާއަށް 31 މެޗުން ލިބިފައި ވަނީ 70 ޕޮއިންޓެވެ. ތިންވަނާގައި ޖިރޯނާ އޮތީ 31 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނާގައި އޮތް އެތުލެޓިކޯއަށް 31 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ.